ހިތަދޫސްކޫލުގެ
އަޞްލަކީ، 1972 ވަނަ އަހަރުގެ ތެރޭގައި، ސ.ހިތަދޫ ފެހިވިލާގެ އަލްފާޟިލް އަޙުމަދު
ޞާލިހް އަލިދީދީ އަތޮޅުވެރިއަކަށް ހުންނެވި ދުވަސްވަރު، އޭނާގެ އިސްނެންގެވުމަކާ
ގުޅިގެން، އަތޮޅުކޮމިޓީއިން ވުޖޫދަށް ގެންނެވި އިންގިލިޝްމީޑިއަމް ސެކަންޑްރީ
ސްކޫލެއްކަމުގައިވާ ' އައްޑޫ އިންގިލިޝް ސްކޫލް' އެވެ. ސްކޫލުގައި ކިޔަވައިދިނުން
ފެށިފައިވަނީ، 13 ނޮވެމްބަރ 1974 ގައި ކަމަށްވިއަސް، ރަސްމީގޮތުން ސްކޫލު
ހުޅުވުނީ، 1974 ވަނަ އަހަރުގެ ޑިސެމްބަރުމަހު 18 ވަނަ ދުވަހުއެވެ.
ހުޅުއްވައިދެއްވީ، މާލޭ. މއ.ކިނބިގަސްދޮށުގެ، އަލްއުސްތާޛް މައުމޫން
ޢަބްދުލްޤައްޔޫމެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުވެވަޑައިގަތުމުގެ
ކުރީން، ސުމުއްވުލްއަމީރު އިބްރާހީމްނާޞިރު ރަންނަބަނޑޭރިކިލެގެފާނުގެ
ރައީސްކަމުގެ ދުވަސްވަރު، އޭރުގެ ޕްރައިމްމިނިސްޓަރ އޮފީހުގެ ޚާއްޞަ ވަކީލެއްގެ
ގޮތުގައި ހުންނަވައިގެން މިއަތޮޅަށް ކުރެއްވި ރަސްމީދަތުރުފުޅެއްގައެވެ.
ޕްރިންސިޕަލުންނަށާއި، ހިންގުމުގެވައްޓަފާޅިއަށާއި، ތަނުގެ ފެންވަރަށް ގިނަގުނަ
ބަދަލުތަކެއް އައިނަމަވެސް، އެނަމުގައި، އާދެ! ' އައްޑޫ އިންގިލިޝް ސްކޫލް' ގެ
ނަމުގައި، 1979 ވަނަ އަހަރުގެ އެޕްރީލްމަހާ ހަމައަށް ސްކޫލު ހިންގަމުން އައެވެ.
ހިތަދޫސްކޫލްގެ
ތާރީޚް
އެހިސާބުން
'ހިތަދޫ ޕްރައިމަރީސްކޫލު' ގެ ނަމަށް، ނަން ބަދަލުކުރެވި، އެ ނަމުގައި ހުޅުވުނެވެ.
މިފަހަރުވެސް ހުޅުއްވައިދެއްވީ، މައުމޫނެވެ. އެކަމަކު، ރައީސްކަމުގެ
ފުރަތަމަދައުރަށް ހުވައިކުރެއްވުމަށްފަހު، މި އަތޮޅަށް ކުރެއްވި ފުރަތަމަ ރަސްމީ
ޒިޔާރަތުގައެވެ. އެހެންނަމަވެސް، އަނެއްކާވެސް އޭގެ ކުޑަދުވަސްކޮޅެއްފަހުން، އާދެ!
24 ޖޫން 1979 ގައި، ރައީސް، މި އަތޮޅަށް ކުރެއްވި ޒިޔާރަތުގައި ފެނިގެން ދިޔައީ،
މި ސްކޫލްގެ ނަން، 'ހިތަދޫސްކޫލު' ގެ ނަމަށް ބަދަލުކުރައްވައި،
ހުޅުއްވައިދެއްވައި، ޘާނަވީ ސްކޫލެއްގެގޮތުގައި އިޢުލާންކުރެއްވި ތަނެވެ. ފަހުން،
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަސްއޫލުވެރިކަމުގެ ދަށަށް ބަދަލުވެގެން ސަރުކާރު
ސްކޫލެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވިގެން އައިއިރު، ޕްރައިމަރީ ސްކޫލަކަށް
ބަދަލުކުރައްވާފައި އޮތްކަމުގައިވިއަސް، މިއީ، އެދުވަހު ރައީސް މަޢުމޫން އެ
ހުޅުވައިދެއްވި ހިތަދޫސްކޫލެވެ.
އައްޑޫއިންގިލިޝް
ސްކޫލު ހުޅުވުނީއްސުރެން ފެށިގެން 1993 ގެ ދިރާސީ އަހަރު ނިމެންދެން މި ސްކޫލު
ހިންގަމުން އައިސްފައިވަނީ ސ.އަތޮޅުތަޢުލީމީމަރުކަޒުގެ އުތުރުން އެ މަގުގެ
އަނެއްފަރާތު ކަންމަތީގައި އެހުރި ( މަތީގައި އެވާ ފޮޓޯގައިވާ) ސ. ހިތަދޫ
ކޮމަންޑޫގެ އާއި، ކޮމަންޑޫގޭގެ އިރުމަތީފަރާތުން މަގުގެ އަނެއްފަރާތުގައި އެހުރި
(ހަރުގެއެއް ކަހަލަ ) އިމާރާތުގައެވެ.
މިހާރު
ސްކޫލު ހިނަގަމުންމިދާ ޢިމާރާތަށް، ސްކޫލް ބަދަލުކުރެވިފައިވަނީ 1994 ވަނަ
އަހަރުގެ ތެރޭގައެވެ. މިސްކޫލުގެ ނުވަތަ މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ 01
ނޮވެމްބަރ 1992 ގައި، އޭރުގެ މިނިސްޓަރ އޮފް ޖަސްޓިސް އޮނަރަބްލް ފަޟީލަތުއްޝައިޚް
އަލްއުސްތާޛް މުޙައްމަދުރަޝީދު އިބްރާހީމެވެ. ސްކޫލު އިމާރާތްކުރެވުނު އިރު
މިނިސްޓަރ އޮފް އެޑިއުކޭޝަނަކީ އޮނަރަބްލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު އެވެ.
ނަމަވެސް، ހުޅުވަން ޖެހުނުއިރު މިނިސްޓަރަކަށް ހުންނެވީ، މއ. ކިނބި. ޑޮކްޓަރ
މުޙައްމަދު ލަޠީފް އެވެ. އެހެންކަމުން، ސްކޫލު ހުޅުއްވައިދެއްވީ އެ މަނިކުފާނެވެ.
19 މާރޗް 1994 ގައި، ބޭއްވުނު ކުލަގަދަ ރަސްމީއްޔާތެއްގައެވެ. އާދެ! ގުރޭޑު 1 ން 7
އަށް ކިޔަވައިދޭ، ސަރުކާރުގެ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައެވެ. މިހާރު މިސްކޫލް
ވަނީ 2011 ވަނަ އަހަރު ސެކަންޑްރީ ސްކޫލަކަށް ބަދަލުވެފައެވެ.
No comments:
Post a Comment